ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ލިބުނު އަނިޔާތަކާ ގުޅިގެން ރާއްޖެ އިން ބޭރުގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވި މީހާގެ ޖަނާޒާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވަރަށް ބޮޑަށް ފިހުމުގެ ސަބަބުން, ތައިލޭންޑްގެ ބެންކޮކުން ފަރުވާ ދެމުން ދަނިކޮށް, މިދިޔަ ބުރާސްފަތި ދުވަހު ނިޔާވީ, ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަހުމަދު އަޒްމީލް (ޗީފް), 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ.

އަޒްމީގެ ހަށިގަނޑު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަޒްމީލްގެ ޖަނާޒާ ބާއްވަނީ ހުޅުމާލެ ސަހަރާގަ އެވެ. ކަށުނަމާދު ކުރަނީ މިރޭ އިޝާ ނަމާދަށް ފަހުގަ އެވެ.

އަޒްމީލް ނިޔާވިއިރު އަންބަކާއި ދެ ކުދިން ތިބެ އެވެ. އަދި އަނބިމީހާ މިހާރު އިނީ ތިންވަނަ ދަރިފުޅަށް ބަލިވެ އެވެ.

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯ އިން ކުރިން ވަނީ ބުނެފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް