ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 2 ބިލިޔަނަށް

މިއަަހަރުގެ ފުރަތަމަ 11 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ2 ބިލިއަނަށް އަރައިފިއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ގްރީން ޓެކުހުގެ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރ މަހާއި ހަމައަށް 2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 971 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %109.3 އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ މި މުއްދަތުގައި ލިބުނު އާމްދަނީގެ %6.9 ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާތީއެވެ. މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،114،710 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް