ދަރަވަންދޫ އެއާޕޯޓް ޓާމިނަލް ޑިޒައިންކުރަން ހަވާލުކޮށްފި

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި އެއާޕޯޓުގެ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާވިޔަތް އަބްދުއްސައްތާރުއެވެ.

މި އެއާޕޯޓުގެ ޑިޒައިންގެ މަސައްކަތް އީޕޯޗްއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި ޑިޒައިން އެންޑް ކޮންސެޕްޓްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

 އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރާނެ ކަމަށެވެ. އަދި ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަށް މަޝްރޫޢުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން، މިހާރު ހުރި ޓަރމިނަލަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާއިރު ޖުމްލަ އިމާރާތް ކުރާ ޖާގައަކީ 814 އަކަމީޓަރު ޖާގައެކެވެ.
ބ. ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިމަސައްކަތް ކުރުމަށް އައިލޭންޑް އެވިއޭޝަނާއި ހަވާލުކުރަން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހު ބ. ދަރަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދަރަވަންދޫގައި އެއާޕޯޓެއް ތަރައްގީކޮށް، ޚިދުމަތް ދޭންފެށިތާ މިހާރު ވަނީ 14 އަހަރުވެފައެވެ. ބ. އަތޮޅަކީ ރިސޯޓުތައް ގިނަ އަތޮޅަކަށްވުމުން ދަރަވަންދޫ އެއާޕޯޓަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް މުހިއްމު އެއާޕޯޓެކެވެ. އަދި ލޯކަލް ޓޫރިޒަމްވެސް އެ އަތޮޅުގައި ފުޅާވަމުންދާއިރު، އެއާޕޯޓު ބޭނުންކުރާ މީހުންގެ އަދަދުދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް