ރައީސް ހުޅުމާލޭ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ބުރާސްފަތި ދުވަހުގެ ރޭ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވޭ ބައްދަލުވުން 2025 ޑިސެންބަރު 18 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ޞަލާޙުއްދީން ސްކޫލްގައި އޮންނާނެ ކަމަށެވެ.

"ވީމާ، ހުޅުމާލޭ ފޭސް 2ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވަން"، ހީނާ ވިދާޅުވިއެވެ.

މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމުގައި ރައީސް އިޢުލާންކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" ނަމުގައި ނޮވެންބަރު 17 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް އަންނަ ހަފުތާއިން ފެށިގެން ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް