ބީއެމްއެލްގެ މި އަހަރުގެ އިންޓަރންޝިޕްގެ ބައިވެރިންނަށް މަރުޙަބާ ކިޔައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފިއެވެ.

ބީއެމްއެލް އިން ހާމަކުރާ ގޮތުގައި ގްރެޖުއޭޓް އިންޓަރންސް އަދި ޓެކްސްޓާޓް އިންޓަރންސް ހިމެނޭހެން 25 އިންޓަރންސްއަށް ބޭންކުން މަރުހަބާ ކިޔާފައި ވެއެވެ.

ޓެކްސްޓާޓް އިންޓަރންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެކެވެ.

ބީއެމްއެލް އިން ބުނީ މި 12 މަހުގެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަންވެސް ބާއްވާފައިވެއެވެ. މީގެ ތެރެއިން ބައެއް ބައިވެރިންނަށް ވަނީ ބޭންކުގައި ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައި ވެއެވެ.

2018 ވަނަ އަހަރު ފެށި ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް