ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލްއިން މިއަދު އެދިއްޖެއެވެ.

އެމްޕީއެލްއިން ވިދާޅުވީ، ބަނދަރުގެ އެއްގަމު ތޮށި ހެދުމުގެ މަސައްކަތަށް، ބާޒާރު މަތީ ސަރަޙައްދުގެ ފަޅުތެރެ ހުސްކުރާނީ 3 ބަޔަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ހުސްކުރުމަށް އަންގާފައިވަނީ މަސް މާރުކޭޓުން ފެށިގެން، 100 މީޓަރުގެ ސަރަޙައްދަށެވެ. އެއީ މިހާރު މަސް މާރުކޭޓު ކުރިމަތިން، މަސް ދޯނިތައް އެޅުމަށް ބޭނުންކުރާ ސަރަޙައްދެވެ.

މި ސަރަޙައްދުގައި ހުރި އުޅަނދުތައް މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް، ނެގުމަށް ވަނީ އަންގާފައެވެ. ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްތައް 20 ވަނަ ދުވަހު، ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލްއިން ވިދާޅުވީ، މި ބަދަލާއެކު ވަގުތީ ގޮތުން، އެމްއެމްއޭ ކުރިމަތިން އޮންނަ ސަރަޙައްދުގައި އެ އުޅަނދުތައް އަޅާފައި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ.

އުޅަނދުފަހަރު އަޅާފައި ބޭއްވޭނެ ސަރަޙައްދުތަކުގައި ފާހަގަތައް ޖަހާފައި ހުންނާނެކަމަށްވެސް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.
ސަރުކާރުން އަމާޒުކޮށްފައިވަނީ ބާޒާރު މަތި، މުޅި ސަރަޙައްދުގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށެވެ. ދެވަނަ އަދި ތިންވަނަ ސެގްމަންޓްގައި ހިމެނޭނީ އަތޮޅުތަކަށް މުދާ އުފުލާ ބޯޓުފަހަރު އަޅަމުންދާ ސަރަޙައްދެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި، މާލޭގެ ލޯކަލް މާރުކޭޓުން ފަށައިގެން، ނޯތް ހާބަރާ ހަމައަށް ޖުމްލަ 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅާ ސަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ. މިހާރު ވަނީ މަގުގެ ޢަމަލީ މަސައްކަތްތައް ސައިޓުގައި ފަށާފައެވެ. މި މަސައްކަތް ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް