ބީއެމްއެލްގެ "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ބޭންކުގެ ފައިނޭންސިން ހިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް، "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނެވެ.

ބީއެމްއެލުން ބުނީ މަސްވެރިޔާ ޕޯޓަލުން މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި އުންމީދުތައް ހާސިލުކުރުމަށް އެހީތެރިވުމަށްޓަކައި ހެދުމަށް އެ ބޭންކުން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ވަރަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓާކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިންނަށް، އެކިއެކި ބޭނުންތަކަށް އެދި އިސްލާމީ ފައިނޭންސިން ހިދުމަތްތަކަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެއީ؛

  • ގެދޮރު ގަތުމަށް
  • ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް
  • މަތީ ތައުލީމު ހާސިލުކުރުމަށް
  • އުޅަނދު ބަނުމާއި މަރާމާތުކުރުމަށް
  • ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް
  • ލުއި ފައިނޭންސިންއަށް. މި ފައިނޭންސިން އަކީ މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންއެއް.

ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މަސްވެރިންނަށް މާލީ ހިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މިއަހަރުގެ ކުރީކޮޅު އެ ބޭންކާއި ފިޝަރީޒް މިނިސްޓްރީއާއެކު ވާނީ އެއްބަސްވެފައި ކަމަށެވެ.

ބީއެމްއެލުން ބުނީ މަސްވެރިޔާ ޕޯޓަލްއަކީ އެ ބޭންކުން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއް ރަމްޒު ކަމަށާއި މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެންބަރުން ފެށިގެން ބޭންކުން އަންނަނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްދެމުން ކަމަށެވެ.

ބީއެމްއެލުން ބުނީ މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ހިދުމަތްތައްވެސް ވަރަށް އަވަހަށް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް