މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމުގައި ހަމަޖައްސައިފި

މަސްވެރިން ކިރުވާ މަހަށް ސަރުކާރުން ދެއްވާ އަގަށާއި، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބޮޑު ބަދަލެއް ގެންނެވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިިފިއެވެ.

ރައީސް މިކަން އިއުލާންކުރެއްވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މަސްވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ކިރުވާ މަހަށް ރަނގަޅު އަގެއް ނުލިބުމާއި އަގުހެޔޮކޮށް ތެޔޮ ނުލިބުމުގެ މައްސަލަކަމަށެވެ. އެކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް އަގުދޭ އުސޫލަށް ބަދަލުތަކެއް ގެންނެވުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މިފްކޯއިން މަސްގަންނަ އެންމެ މަތީ ރޭޓްކަމަށްވާ 16 ރުފިޔާއަށް ގަންނަނީ ދޮޅުކިލޯއިން ފެށިގެން މަތީގެ މަސްކަމަށެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، ކިލޯއަަކަށްވުރެ މަތީގެ މަސް ގަންނަ އެންމެ ދަށް ރޭޓަކީ 16 ރުފިޔާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެކުރިން އޮތްގޮތުން މަސް ގަންނަ އެންމެ މަތީ ރޭޓަކީ 16 ރުފިޔާނަމަވެސް، އުސޫލަށް ގެންނެވި ބަދަލާއެކު އެއަށްވުރެ ބޮޑު އަގުގައިވެސް މަސް ކިރުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މަސް ގަންނަ ރޭޓުގެ އިތުރުން މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. މަސްވެރިންނަށް ވިއްކާ ތެލުގެ އަގުން 51 ލާރި އަދި 3 ޓަނަށްވުރެ މަތިން މަސް ކިރާ ދޯނިތަކަށް 71 ލާރި އަގުހެޔޮކުރުމަށް މިހާރު ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ބައެއް ދޯނިތަކަށް ހާހެއްހާ ރުފިޔާ ސަލާމަތްވެގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ސްކިޑްތައް ކޮންމެ އަތޮޅެއްގައި ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް