ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަޝްރޫޢުގެ ދަށުން 30 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަޝްރޫޢުގެ ދަށުން 30 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ އަދާހަމަ ހާމަކޮށް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއޭސީއެލް އިން ބުނީ މިހާތަނަށް މި މަޝްރޫޢުގެ ދަށުން 30 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި، އެއާއެކު މަޝްރޫޢުގެ %47.6 މަސައްކަތް ނިމިފައިވާ ކަމަށެވެ.

އަދި މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް މޮބިލައިޒްކުރެވިފައިވާ ކަމަށާއި، މިއާއެކު އެއް ފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމަށް ބޭނުންވާ ޑްރެޖަރ، ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެން ގެނެސްފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ނޮވެންބަރު މަހުގެ 25 ގައެވެ.

ޑްރެޖަރ ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެން ގެ އިތުރުން ޓީ.އެސް.އެޗް.ޑީ އޮރަންޖީ ނަމަކަށް ކިޔާ ޑްރެޖަރުވެސް ބިންހިކުމުގެ މަސައްކަތުގައި ބޭނުންކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް މި ޑިސެންބަރު މަހުގެ ނިޔަލަށް ނިންމައި، ދެން ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކާ ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ހައުސިން މައްސަލައަށް ހައްލުހޯދަވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް 3 ހިއްކުމާއި ގިރާވަރު ފަޅު ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރު ގެނެސް ބިންހިއްކުމުގެ މަސައްކަތް އަވަސް ކުރައްވާނޭ ކަމަށް ރައީސް މީގެކުރިން ވަނީ ހާމަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް