މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން 4 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި

މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީއާއި ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އިއްޔެ ފުލުހުން ވަނީ އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް އަރައިފައެވެ.

އެގޮތުން މިމަސައްކަތް ކުރުމަށްޓަކައި ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގެ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންނަށް ވެސް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި، މި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރުވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 3 ދޯނި ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި، ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ އެ ދޯނިތަކުގައި ތިބި ފަރާތްތަކާ ދޯނި ހަވާލުކުރުމަށްފަހު ކަމަށެވެ.

އަދި އިހުތިޖާޖާއި ގުޅިގެން 4 ބިދޭސީއަކު އިމިގްރޭޝަން އާ ހަވާލު ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް