ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ސްޓެލްކޯ އިން ވަޒީފާ ދީފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ( ސްޓެލްކޯ ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓެލްކޯގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ސްޓެލްކޯ އަށް 21 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފެއް ކަމަށްވާ އަހްމަދު އަޒްމީލް މިއަދު ނިޔާވުމާއި ގުޅިގެން ސްޓެލްކޯއަށާއި އެ މަރުހޫމްގެ އާއިލާއަށް ތަޢުޒިޔާ ދަންވާފައެވެ.

މި ރަސްމިއްޔާތު ފެށުމުގެ ކުރިން  ސްޓެލްކޯ ގެ މުވައްޒަފު އަލްމަރްޙޫމް އަހްމަދު އަޒްމީލް، މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކުންފުނީގެ މަސައްކަތުގައި ދިމާވި ހިތާމަވެރި ހާދިސާއެއްގައި ރާއްޖެއިން ބޭރުގައި ފަރުވާދެމުންދަނިކޮށް މިއަދު ނިޔާވެފައިވާތީ އެ މަރުހޫމްގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއްވެސް ގެންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އެ މަރުޙޫމްގެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންވަވާފައެވެ.


ސްޓެލްކޯ އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢާއިޝަތު ޝިހާމް އަދި ސްޓެލްކޯގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް