30 އަހަރަށްވުރެ ދޮށީ ލޯބިވެރިޔާއަށް ހަމަލާދިން އަންހެން މީހާގެ ބަންދަށް 30 ދުވަސް

މާލޭގެ ގެއެއްގެ ތެރޭގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހެއްގެ ދެމެދު ހިނގި ޒުވާބެއްގައި، 32 އަހަރުގެ އަންހެނަކު އޭނާގެ 64 އަހަރުގެ ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއްގައި، އެ އަންހެން މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 ޑިސެންބަރު 9 ވަނަ ދުވަހުގެ 10:05 އެހާކަންހާއިރުއެވެ.

ފުލުހުން ބުނި ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ.

މި ދެމީހުންގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ވަނީ އެނގިފައެވެ.

ހަމަލާދިނުމުގެ ސަބަބުން އަނިޔާވި ދެމީހުންނަށް ވެސް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގެ ތެރޭގައެވެ.

މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން، 64 އަހަރުގެ މީހާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ 32 އަހަރުގެ އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތަހުގީގަށް ބޭނުންވާ މިންވަރަށް އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް