4 މަސާޖު ޕާލާއެއް ފާސްކޮށް، 4 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ގަވައިދާ ޚިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރޭގައި ހަތަރު މަސާޖު ޕާލާ ބަލައި ފާސްކޮށްފައިވާ ކަމަށް, އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިޤްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގެ 4 މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅެމުންދިއަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވިދާޅުވިއެވެ. އިމިޤްރޭޝަނުން ވިދާޅުވީ މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަޅާފައިވާކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މިމަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަންކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް