މަސްވެރިންގެ ދުވަސް ދުވާފަރުގައި، މިނިސްޓަރ ދުވާފަރަށް ވަޑައިގެންފި

2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހާގަ ކުރުމުގެ ގޮތުން މާޅޮސްމަޑުލުއުތުރުބުރީ ދުވާފަރުގައި ބައްވާ ހަރަކާތްތަކާއި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ދުވާފަރަށް ވަޑައިގަންނަވައިފިއެވެ.

ވަޒީރަށް ދުވަފަރުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރަގެ މެމްބަރު މުހައްމަދު އަލީ އާއި ދުވާފަރު ކައުންސިލްގެ ރައީސްއާއި ކައުންސިލްގެ އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނެވެ.

ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ސަގާފީ ހަރަކާތްތަކާއި އެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކާއި ގުޅޭ ގޮތުން ދުވާފަރު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ދުވާފަރުގައި ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި މުޅި ރ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި ކުޑަކުދިންނަށް ހާއްސަކޮށް ބައްވާ ކުޑަކުދިންގެ ހަވީރާއި މަސްކެނޑުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މީގެ އިތުރުންވެސް މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިން ރ. ދުވާފަރަށް ވަނީ ވަޑައިގަންނަވައިފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މަސްވެރިންގެ ގުންޒަރުގައި އެކި އަތޮޅުތަކުގެ މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެއެވެ.

މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނަށް ދުވާފަރުން މަރުހަބާ ދެންނެވީ މަސްވެރިކަމާ ކަނޑުގެވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބާއި ދުވާފަރު ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ އިސްވެރިންނެވެ.

 

މިއަހަރުގެ މަސްވެރިންގެ ގުންޒަރުގައި 20 ރަށަކުން 47 މަސްވެރިންނާ 3 މަސް ޕްރޮސެސްކުރާ ކުންފުންޔަކުން ބައިވެރިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް