ރަސްމާލެއިން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައިފި

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާ ނިންމާލައިފިއެވެ.

ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި އެނޫންވެސް ޖާގައިގެ ދަތިކަމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހައްލު ގެނައުމަށް ސަރުކާރުންވަނީ "ރަސްމާލެ" ނަމުގައި ބިޔަ މަޝްރޫޢެއް ފައްޓަވާފައިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުން ދަނީ ކުރަމުންނެވެ.

ސްރީލަންކާގެ ކެޕިޓަލް މެރިންއެންޑް ސިވިލް ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވާ 29 ހެކްޓަރުގެ މަސައްކަތްވަނީ ނިމިފައެވެ. އަދި މިވަގުތު މޯހަން މުތާއާއި ހަވާލުކޮށްފައިވާ 394 ހެކްޓަރުގެ ތެރެއިން 100.6 ހެކްޓަރުވަނީ ހިއްކާ ނިންމާލާފައެވެ. މީގެ އިތުރުން ޗައިނާ ހާބަރ އިނޖިނިއަރިންގއާއި ހަވާލުކޮށްފައިވާ 265 ހެކްޓަރުގެ ތެރެއިން މިހާރުވަނީ 53.25 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް