ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ސަޢޫދީގެ ވަފުދެއް ރާއްޖޭގައި

މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ދެވަނަ ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަޢުދީ ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ އާއި އެ ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި ރަސްމީކޮށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތް ކުރުމާއި ޒުވާން ޚަޠީބުންނާއި ޙާފިޡުން އަދި އިމާމުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާނެއެވެ.

މިއަހަރުގެ ޙައްޖު އަދި ޢުމްރާ ކޮންފަރެންސް އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. މިއަހަރުގެ ކޮންފަރެންސްގައިވެސް ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް