ހޯރަފުށީ ކައުންސިލުގެ ރައީސް 3 މަސް ދުވަހަށް ސަސްޕެންޑުކޮށްފި

ހއ. ހޯރަފުށީ ކައުންސިލާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއްގައި އެ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނީ، މައްސަލަތަކުގެ ކުޑަބޮޑު މިނަށް ބަލައި ތިން މަސް ދުވަހަށް ވަހީދު ސަސްޕެންޑުކުރީ މުސާރަ ނުހިނގާގޮތަށް ވަގުތީގޮތުން ކަމަށެވެ. އަދި ދެންތިބި ކައުންސިލަރުންނަށް ނަސޭހަތްތެރިވާން ނިންމާފައިވާ ކަަމަށް ބުންޏެވެ.

އެލްޖީއޭއިން މިދިޔަ ޖޫން މަހު ހޯރަފުށީ ކައުންސިލާ ގުޅޭ އިންކުއަރީއެއް ފެށީ، އެ ކައުންސިލުން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ކޮރަޕްޝަނަށް މަގުފައިވާގޮތަށް 5000 އަކަފޫޓުގެ ބިމެއް ދީފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.

އެ ޝަކުވާއާއެކު ކައުންސިލުގެ ޖުމްލަ އަށް މައްސަލައެއް އެލްޖޭއޭން ބަލާފައިވެ އެވެ. އެ މައްސަލަތަކަކީ:

  1. މިއަހަރު ބޭއްވި ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ މައްސަލަ
  2. ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި ހިލާފަށް ރަށުގެ ގޯތިތަކާއި އިންވެގެން އޮންނަ ހުސް ބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވާ މައްސަލަ
  3. މާލިއްޔަތު ގަވާއިދާ ހިލާފަށް 2023 ވަނަ އަހަރު ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ
  4. މިދިޔަ ބޮޑު އީދުގައި ކުޅިވަރާއި، ސްޓޭޖުލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ހަރަދު ކޮށްފައިވާ މައްސަލަ
  5. ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމެޓީގައި ތިބޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ
  6. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ފޯރުކޮށް ނުދޭ މައްސަލަ
  7. މިދިޔަ ބޮޑު އީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރިކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓްކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާކަމާއި އަދި އެތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް