ލަންކާއަށް އެހީގެ ގޮތުގައި 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަނީ

ސްރީލަންކާއަށް އެރި ތޫފާން "ދީތުވާ"ގައި ހާލުގައި ޖެހުނު އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 3.8 ޓަނުގެ ޒަރޫރީ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ، ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދެނީ އެ އެއާލައިނާއި އެންޖީއޯއެއް ކަމަށްވާ މަހަލްދީބު ފައުންޑޭޝަނާއި މީޤާތު ޙައްޖު އެންޑް ޢުމްރާ ގުރޫޕު ގުޅިގެން ކަމަށެވެ.

އެގޮތުން ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ޒަރޫރީ ބޭނުންތަކަށް 3.8 ޓަނުގެ ތަކެތި އެ ގައުމަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް، މޯލްޑިވިއަނުން ބުންޏެވެ.

ތޫފާން "ދީތުވާ"ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ސްރީލަންކާއަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރާއްޖެއިންނެވެ. އެގޮތުން އެކިއެކި ގައުމުތަކުން ލަންކާއަށް އެހީގެ ގޮތުގައި ލިބުނު 6.5 މިލިއަން ޑޮލަރުގެ ތެރެއިން 2.4 މިލިއަން ޑޮލަރު ރާއްޖޭން ވަނީ ހަދިޔާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް