ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތައް ގެންނަން ވަނީ ނިންމާފަ: ރައީސް

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވަފައިވަނީ، މިރޭ، މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކަލާފާނު ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައިވެސް، އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭގޮތުންނެވެ. އެކަންކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިވަޑައިގެންފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިޞްލާޙުކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުޠުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް އީޖާބީ ޙައްލެއް ހޯއްދަވައިދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވައި އެމަނިކުފާނު ވަނީ، ވަޢުދުފުޅުތައް ފުއްދަވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުންވެސް ރައްޔިތުން އެކި ދާއިރާތަކުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތައް އަޑުއައްސަވައި، އޮންނަ އުސޫލުތަކުގެ ތެރެއިން، ވީހާވެސް އީޖާބީ ގޮތެއްގައި އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް