ޕެންޝަން ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތް ހަދަނީ

ޕެންޝަން ފައިސާއިން އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މި މައްސަލައަކަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވެވީ މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް އާންމު ރައްޔިތުން ވަނީ މިހާރު ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭނެ ގޮތްތަކާއިމެދު އޮތް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފަ އެވެ. އެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު އެމަނިކުފާނު ވަނީ އެކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަވާފަ އެވެ.

ވިދާޅުވީ ލަސްތަކެއް ނުވެ އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެގޮތުން ބައެއް ޚާއްޞަ ޙާލަތްތަކުގައި އެ ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުންކުރެވޭ ގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާޙު ގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހާއްސަ ހާލަތުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް. އެ ހާއްސަ ހާލަތު ދެން ބަޔާން ކުރެވޭނެ. އެހެންވީމަ މިހާރަށް ވުރެ ގިނަ ފުރުސަތުތައް އެ މީހާގެ ޕެންޝަން ފައިސާ ބޭނުން ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އެބަ ހުށައަޅަން," ރައީސް ވިދާޅުވި އެވެ.

ޕެންޝަން ފައިސާ ބޭނުންކުރެވޭ އިތުރު ޙާލަތައް ހިމަނަން ރައްޔިތުން އެދޭތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް މި ސަރުކާރުން ނޫނީ އެކަމަށް އެކަށީގެންވާ އިޖާބައެއް ދީފައެއް ނުވެ އެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ހުށަހެޅުއްވި ބައެއް އިތުރު ޚިޔާލުތަކަށްވެސް އެމަނިކުފާނު ވަނީ ޖަވާބުދެއްވާފައެވެ. އެގޮތުން، އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންނަށް އެކަން އިޙުސާސްވާ މިންވަރަށް އެ މިނިވަންކަން ފެންނަމުންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމީ ބޮޑެތި ނިންމެވުންތައް ނިންމަވަނީ، ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާގެ މަތީންކަން ތަކުރާރުކުރައްވައި، މިއަދު ވޯޓަކުން އެ ސުވާލު ކުރެއްވިކަމުގައިވިޔަސް، އެކަން ސާބިތު ކުރެވޭނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންސްޕާ އިން އެހީ ހޯދުމުގެ އިޖުރާއަތްތަކާ މެދު ހުށަހެޅުއްވި ޝަކުވާއެއްގެ ޖަވާބުގައި، އެކަން އިތުރަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ހުރި ދަތިތައް ޙައްލުކުރެއްވުމަށް ދެއްވާ އަހުމިއްޔަތު ހާމަކުރައްވައި، އެމަނިކުފާނު އިސްކަންދެއްވަނީ، ހަވާސާވެފައިވާ އެފަދަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޕޭ ހާމަނައިޒޭޝަންގައި ހުރި ކަންބޮޑުވުންތައް ޙައްލުކުރުމުގެ ދޮރު ބަންދުވީ ނޫންކަން ފާހަގަކުރައްވައި، ޕޭ ކޮމިޝަނާ ގުޅިގެން އަދިވެސް މައްސަލަތައް ޙައްލުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާ ސިޓީތަކަށް ޖަވާބު ދެއްވުމުގައި ބެކްލޮގުތައް ފިލުވައި، އަވަހަށް ޖަވާބުދެއްވުމަށް އިތުރު ހިތްވަރެއް ލައްވާނޭކަމަށާއި، އެމަނިކުފާނާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް، ސީދާ އެމަނިކުފާނާ ބައްދަލުކުރައްވައިގެންނާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުން މެދުވެރިކުރައްވައިގެން ކަންބޮޑުވުން ހިއްސާކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނޭކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައްޔިތުން އެކި ދާއިރާތަކުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތައް އަޑުއައްސަވައި، އޮންނަ އުސޫލުތަކުގެ ތެރެއިން، ވީހާވެސް އީޖާބީ ގޮތެއްގައި އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް