ހުޅުމާލޭ މަގުތަކަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ އުޅަނދު ނަގައިފި

ހުޅުމާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ދޫކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންގައި 200 އަށްވުރެ ގިނަ އުޅަނދު މަގުތަކުން ނަގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 މަގުތަކާއި ހުސް ބިންތަކަށް، ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނެގުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ ޕްރޮގްރާމުގެ ތެރެއިން އުޅަނދުތަށް ނަގަން ފެށިފަހުން 24 ގަޑިއިރު ތެރޭ 252 އުޅަނދެއް ހުޅުމާލޭގެ އެކި ސަރަަހައްދުތަކުން ނަގާފައިވާ ކަމަށެވެ.

ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ނެގި މި އުޅަނދުތަށް މިހާރު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އުޅަނދުތަކާއި މެދު ޢަމަލުުރާނީ އާންމުކޮށް ޓޯވް ކުރާ އުޅަނދުތަކާއި މެދު ޢަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމުގެ ދަށުން ނަގާފައިވާ އުޅަނދުތަކަކީ، ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ކަމަށެވެ.

މީގެ އިތުރުން އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައްވެސް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ޕްރޮގްރާމު ދަށުން އުޅަނދުތަށް ނަގަން ފަށާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކުރިއާލާ އުޅަނދުތަށް ނެގުމަށް އިއުލާންކޮށްގެން ފާހަގަކޮށްފައެވެ. އަދި ޓޯވް ކުރާ އުޅަނދުތަކާއި މެދު ޢަމަލުކުރާ އުސޫލުގެ ތެރެއިން، އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ފުލުހުން މި އުޅަނދުތަށް ނައްތާލާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް