އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށައިފި

އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީ އިން ފަށައިފިއެވެ.

އަހަރުތަކަކަށް ފަހު އަންނަ އަހަރަކީ އިހު އޮތްގޮތަށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާއަހަރެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަތޮޅުތަކުގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އަދި ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި އެ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ތަޢުލީމީ ވުޒާރާގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުންކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ދިރާސީ އަހަރެއް ފެށުމުގެ ކުރިން ތަޢުލީމީ ވުޒާރާއިން އަންނަނީ ދަަރިވަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ފޯރުކޮށްދިނުމާއި މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތަކީވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކުރާ މުހިއްމު މަސައްކަތެވެ. މިގޮތުން އަންނަ ދިރާސީ އަހަރަށް ތަައްޔާރުވުމަށް 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް