ގެސްޓު ހައުސްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ގޮހޮރުން 78 ޑުރަގް ބުލެޓު

މިމަހުގެ ދެވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ބަނޑުން މަސްތުވާތަކެތި ހުރި 78 ބުލެޓު ނަގާފައިވާކަން ފުލުހުންގެ ބުނެފި އެވެ.

ފުލުހުން ބުނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން މިމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ.

އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިންގ ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވެއެވެ.

ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވާކަމަށް ފުލުހުން ބުނެއެވެ. އަދި މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެކަމުގެ ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުންކަމަށް ފުލުހުން ބުނެއެވެ.

އެތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުންނެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން  ބުނެއެވެ2.

މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރެއްވުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި މައުލޫމާތު ހާމަކުރައްވާއިރު ތެދު މައުލޫމާތު ހިއްސާކުރުމަށް ފުލުުހުން ވަނީ އިލްތިމާސްކުރަމެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް