އައްޑޫގެ ބޮޑު ޑްރަގު ނެޓްވޯކެއްގެ ހަޔަރުކުރުން، 5 އަހަރު 19 މިލިއަން ރުފިޔާ ދައުރުކުރި!

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގު ގައި 2025 ޑިސެމްބަރ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީ ގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯރކެއްގެ އިސްފަރާތްތައް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެން މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށްހޯދިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހްސާން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެން ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށެވެ. ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ހިންގަމުންދާ މި ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާރގެޓްކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


'"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެމީހަކާހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެ! ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު"' މިނިސްޓަރ އަލީ އިހްސާން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން "އޮޕަރޭޝަން އަލިމަގު" ފެށީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އޮޕަރޭޝަނުގައި މިދިޔަ މަހުގެ 13ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.


މިދިޔަ މަހު 25ގައި ވަނީ، އެ އޮޕަރޭޝަނުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި އޮޕަރޭޝަނުގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށާއި ޖުމުލަ 188،959 ރުފިޔާ ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް