ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒް ވަކިކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ރަޝާދު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ، މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.

ފަނޑިޔާރުކަމުން ފާއިޒު ރަޝާދު ވަކިކުރެއްވުމަށް ޖޭއެސްސީން ހުށައެޅި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ޖުޑިޝަރީ ކޮމިޓީން ފާސްކުރެއްވީ، އެ މައްސަލާގައި އިޖުރާޢީ ގޮތުން އެއްވެސް މައްސަލައެއް ނެތްކަމަށް ފާހަގަވެފައިވާތީ މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރިޕޯޓުގައި އޮތްގޮތުގެ މަތިން ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

ފާއިޒް ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.

ގާޒީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެދި ޖޭއެސްސީން ހުށައެޅި ސިޓީގައިވަނީ، ސ. ހިތަދޫ، ކޯޒީކޯނާ، ޢަލީ އަންވަރުގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ގާޒީ ހުސައިން ފާއިޒު ރަޝާދު ޢަމަލުކޮށްފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ޤާޟީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، މި މައްސަލާގައި ތުހުމަތުކޮށްފައިވާ ޢަމަލެއް ގާޒީ ފާއިޒު ކޮށްފައިވާކަމަށް ސާބިތުވެފައިވާކަން ފާހަގަކޮށްފައެވެ.

ފާއިޒް ގާޒީކަމުން ވަކިކުރަން މިއަދު ނިންމިއިރު، އޭނާ ހުންނެވީ 60 ދުވަހުގެ ސަސްޕެންޝަނެއްގައެވެ.

މީގެ ކުރިން ވެސް ގާޒީ ފާއިޒު މައްސަލައަކާ ގުޅިގެން ސަސްޕެންޑުކުރިއެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައެއްގައެވެ.

އެ މައްސަލައިގައި ނޮވެމްބަރު ހަތަރެއް، 2021 ގައި ފާއިޒް ސަސްޕެންޑުކުރީ 60 ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު، އެ އަހަރުގެ ޑިސެންބަރު 26ގައި ޖޭއެސްސީން ވަނީ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ގާޒީ ފާއިޒުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އުވާލާފައެވެ.

މި މައްސަލަތަކާއި ގުޅިގެން ގާޒީ ފާއިޒު އޭރު ސަސްޕެންޑް ކުރީ، ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2021 ވަނަ އަހަރުވެސް ޤާޟީ ފާއިޒު ރަޝާދު ވަނީ، 2 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އޭރު ފާއިޒު ސަސްޕެންޑް ކުރީ، އޯޑިއޯއެއް ލީކުވި މައްސަލާގައެވެ. ނަމަވެސް އެ އަހަރުގެ ޑިސެންބަރު 26ގައި ސަސްޕެންޝަން އުވާލިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް