ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރާ ތާރީހު ފަސްކޮށްފި

ރާއްޖޭގައި ސިންގަލް- ޔޫސް ޕްލާސްޓިކް އެތެރެކުރުމާއި އުފެއްދުން މަނާކުރަން ކުރިން ކަނޑައަޅާފައިވާ ތާރީހަށް ބަދަލުގެނެއް ކުރިން ރައީސް ނެރުއްވި ގަރާރު އިސްލާހުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތީން، ރައީސް ޑރ. މުހައްމަދު މުއިއްޒު، "ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން" ޤަރާރަށް އިސްލާޙު ގެންނަވައިފައިވާކަމަށެވެ.

އެގޮތުން ބަދަލު ގެނެސްފައިވަނީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށެވެ.

މި އިސްލާހު ގެނައުމުގެ ކުރީން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައަޅާފައ ިވަނީ، 1 ޑިސެންބަރު 2025 އެވެ.

އެހެންނަމަވެސް މި އިސްލާހާއެކު، އެ ތާރީހު މިހާރު ވަނީ، 1 ޑިސެންބަރު 2027 އަށް ފަސްކޮށްފައެވެ. އަދި މި އިސްލާހު ގެނައުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރުމަށް ނިންމާފައި ވަނީ، 1 މާރިޗު 2026 ގައެވެ. އެހެންނަމަވެސް އިސްލާޙާއެކު މި ތާރީހު ވަނީ، 1 ޖޫން 2028 އަށް ބަދަލުކުރައްވާފައެވެ.

މި އިސްލާހު މިހާރުވަނީ ގެޓްކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް