ކައުންސިލް އިންތިހާބުގައި އެމްޑީޕީން 58 ދާއިރާރެއްގެ ޕްރައިމަރީ ބާއްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ 58 ދާއިރާއެއްގައި ކުރިއަށްގެންދާނެކަން އެޕާޓީން އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ 1 ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުށައަޅާފައިވަނީ 58 ދާއިރާއަކުން ކަމަށެވެ. އެހެންކަމުން އެ ދާއިރާތަކަށް ޕްރައިމަރީ ބާއްވާނެކަމަށާއި 30 އަށްވުރެ ގިނަ ރަށުގައި ވޯޓު ފޮށި ހުންނާނެކަމަށެވެ.

އެމްޑީޕީ ޕްރައިމަރީގައި 24،216 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުން އެކަމަށް އެދި ޝައުޤުވެރިކަން ފާޅުކުރުމަށް އެމްޑީޕީން ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 28ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ދަފުތަރުވެފައިވާ މެންބަރުންނަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ވަކި ދުވަހެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް