ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފި

ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް، ބަންގްލަދޭޝް 2 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މިތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ، އަދި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ވަނީ ފާހަގަކުރެވިފައެވެ

ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ބުނީ މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަން ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް