އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިން ހިމެނޭ އިސް ވަފުދެއް ރާއްޖޭގައި

އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސަޢުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

ސައުދީގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު އިސްކޮށް ހުންނެވި އެ ވަފްދު ރާއްޖެ އަށް އައީ އިއްޔެގެ މެންދުރުގެ ވަގުތެއްގަ އެވެ.

އެމްބަސީން ބުނީ ޑެޕިއުޓީ މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ދިވެހިރާއްޖެއާ ސަޢޫދީޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ. އޭގެ ފަހުން ސަޢުދީ ޢަރަބިއްޔާއިން އަންނަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އިޤުގްތިސާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޚާއްޞަ ފަހުމުނާމާއެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ސޮއިކޮށްފައިވެއެވެ.

މީގެ އިތުރުން ސަޢުދީ ސަރުކާރުން އެކުލަވާލާފައިވާ ސަޢުދީ ފަންޑް ފޮރ ޑިވަލޮޕްމެންޓްއިންވެސް ރާއްޖޭގައި ހިންގާ ބިޔަ އެކި މަޝްރޫޢުތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ދަތުރުފަތުރާއި ޞިއްޙަތާއި ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ފޯރުކޮށްދީފައިވެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހެދުމުގެ މަޝްރޫޢަށް 100 މިލިޔަން ޑޮލަރުގެ އެހީތެރިކަމެއްވެސް ފޯރުކޮށްދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް