އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަޢުދީ ވަފުދެއް ރާއްޖެ ވަޑައިގެންފި

އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެންބަސީން ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގަ ހުންނަ ސައުދީ އެމްބަސީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ވިދާޅުވެފައިވަނީ  ޑެޕިއުޓީ މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.


ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އިޤުތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޚާއްޞަ ފަހުމުނާމާއެއް ވެސް މިދިޔަ އަހަރުގެ ތެރޭގައި ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން ސަޢުދީ ސަރުކާރުން އެކުލަވާލާފައިވާ ސަޢުދީ ފަންޑް ފޮރ ޑިވަލޮޕްމެންޓްއިންވެސް ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫޢުތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިވެހިރާއްޖެއާ ސަޢޫދީޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް