ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރގެ ފަރާތުން ކުރިމަތިލުމަށް ހުޅުވާލައިފި
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ މެންބަރަކު ހޯދަން އިޢުލާންކޮށްފިއެވެ.

ޕެންޝަން އޮފީން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ހަތަރު މެންބަރުންގެ ތެރެއިން އެއް މެންބަރެއްގެ މަޤާމް ހުސްވެފައިވާތީ، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން އެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރާނެ ކަމަށެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާއެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުމާއި، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުމާއި، ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން ހިމެނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ކަނޑައަޅާފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރެވޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

ޕެންޝަން އޮފީހުން ވަނީ މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު 11 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އެ އޮފީހުގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް