މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް

މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް ދިއުމަށް ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 2025 ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، 2026 ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.

މީގެ އިތުރުން ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ)ގައި ބަޔާންކޮށްފައިވާ ޙާލަތުގެ އިތުރަށް، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

އަދި ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް