މާލެ އަތޮޅުގެ ހުރިހާ ކައުންސިލަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "ކާފު ފޯރަމް" ފަށައިފި

މާލެ އަތޮޅު ކައުންސިލްގެ އިދާރާއިން އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "ކާފު ފޯރަމް" ފަށައިފިއެވެ.

ކ. ތުލުސްދޫގައި 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.

ފޯރަމް ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރ އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން އިސްނަގައިގެން މުޅި ކާފު އަތޮޅަށް އަމާޒުކޮށްގެން މި ފަދަ ފޯރަމެއް ކުރިއަށްގެންދާތީ ޝުކުރު އަދާކުރެއްވިއެވެ. މި ފޯރަމްގެ މުހިންމުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އަތޮޅުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޓަކައި ގިނަ ބަޔަކު އެއް މޭޒު ދޮށުގައި ތިއްބަވައިގެން މަޝްވަރާކުރެއްވުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހުރިހާ ކައުންސިލެއްގެ ވެސް އަޒުމަކަށްވާންވީ ނިޒާމު ރަނގަޅުކުރުމަށް ޓަކައި މަސައްކަތް ކުރުން ކަމަށެވެ.

'"ފެހި ޤާނޫނު އަސާސީން އަޅުގަނޑުމެންނަށް ދިން އެންމެ ބޮޑު އަސާސަކީ ޤާނޫނު އަސާސީން ލާމަރުކަޒީ ނިޒާމު ކަށަވަރުކޮށް ދިނުން. ރައްޔިތުންނަށް ލިބެންޖެހޭ ބާރުވެރިކަން އެންމެ ފުރިހަމަ މާނާގައި ކަށަވަރުކޮށްދިނުން"' މިނިސްޓަރ ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މަސައްކަތުން ލާމަރުކަޒީ ނިޒާމު އަންނަނީ ކުރިއަރަމުންނެވެ. ނަމަވެސް އަދިވެސް ނިޒާމު ތަރައްޤީކުރަން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކާއެކު ރަނގަޅު ގުޅުމެއް ބޭއްވިގެން މިނިސްޓްރީއަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެއީ އެ ކަމާމެދު ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމެއް ކަމަށެވެ.

ކާފު ފޯރަމް މެދުވެރިކޮށް މުހިންމު ކަންތައްތަކެއްގެ މަޝްވަރާ ކުރެވިގެންދާނެ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފޯރަމް ޝަރަފުވެރިކޮށް ދެއްވުމަށް ފަހު މިނިސްޓަރ ވަނީ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ކައުންސިލުތަކުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ސިޓީސް މިނިސްޓްރީން ހާމަކުރި ގޮތުގައި ކާފު ފޯރަމް ގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާއި، މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި މިއިން ކޮންމެ މުއައްސަސާއަކުން ވެސް ވަކި ވަކި ސެޝަންތައް ބޭއްވުމުގެ އިތުރަށް ކައުންސިލްތަކާއެކު ޑިސްކަޝަން ސެޝަންތައް ކުރިއަށްގެންދިޔުމަށް ރޭވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް