ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ރައީސް ގޮވާލައްވައިފި

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މިފަދައިން ގޮވާލައްވާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާއި ގުޅުވައިގެން މިއަދު ނެރުއްވި ބަޔާނެއްގައެވެ.

1982 ވަނަ އަހަރުން ފަށައިގެން ދިވެހިރާއްޖޭގައި މިދުވަސް ފާހަގަކުރަމުން އައި ނަމަވެސް، މިއަދު މި މުނާސަބާ ވަށާލެވިފައިވަނީ ހިތާމައިގެ އަސަރުތަކުންކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާއި، އާބާދު ފުޅާކުރުމުގެ ޣައިރުޤާނޫނީ ޖަރީމާ ކުށްވެރިކުރައްވަމުން ރައީސް ވަނީ، ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު ހާލަތު ދޭހަކޮށްދެނީ ހަމަނުޖެހުންތަކަށް ކުރު މުއްދަތެއްގެ މެދުކެނޑުމަކުން ދާއިމީ ރައްކާތެރިކަމެއް ނުދެވޭނެކަން ކަމުގައި ފާހަގަކުރައްވާފައެވެ.

ފަލަސްޠީނުގެ ބިމުގައި އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް އަލިއަޅުއްވާލައްވަމުން، ފުރާނަ ގެއްލިދިއުމާއި ގެދޮރު ސުންނާފަތިވެދިއުމުގެ ނުތަނަވަސްކަމަކީ، ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ކުރިމަތިލާ ތަކުލީފުތަކެއްގެ ގޮތުގައި ރައީސް މެސެޖުގައި ސިފަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ޞުލްޙަވެރިކަމަކީ ހަމައެކަނި ހަމަނުޖެހުންތައް ނެތިގެން ދިއުމެއް ނޫންކަމަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުން ކަމުގައި ވިދާޅުވިއެވެ. އަދި ކަރާމާތާއި ޢަބުރުވެރިކަން ކަށަވަރުކުރުމުގައި އެއްވެސް ބަޔަކު އެކަހެރިކުރެވިގެން ނުވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާއެކު، އިރުމަތީ ޤުދުސްއަކީ ވެރިރަށުގެ ގޮތުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަޤީންކަން، ރައީސްގެ މިމެސެޖުގައިވެސް ތަކުރާރުކުރެއްވިއެވެ.

އަދި ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެމްބަރުކަން ދޭންޖެހޭކަމަށާއި، ފަލަސްޠީނުގެ ސިޔާދަތާއި އިޤްތިޞާދީ ކުރިއެރުމަކީ، އެއްވެސް ޝަރުތެއް ނެތި ކަށަވަރުކޮށްދޭން ޖެހޭ ކަންތައްތަކެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި މި ޝުޢޫރު ތަކުރާރުކުރައްވަމުން އެމަނިކުފާނު ވަނީ، ފަލަސްޠީނުގެ މައްސަލައަކީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން އެންމެން ގުޅިގެން ހައްލު ހޯދައިދޭންޖެހޭ ކަމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭކަމުގައި ވިދާޅުވެފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ނޮވެމްބަރު މަހެއްގެ 29 ވަނަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް