41 ގަޑިއިރު ތެރޭ ބިދޭސީން ހިންގާ، 29 ވިޔަފާރިއެއްގެ ރިޕޯޓު ކޮށްފި: ސައީދު

ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލިތާ 41 ގަޑިއިރުގެ ތެރޭގައި މިހާތަނަށް 29 ވިޔަފާރިއެއްގެ ރިޕޯޓު ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރުތެރޭ، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭ 29 ވިޔަފާރިއެއްގެ ރިޕޯޓު ޢާއްމު އެކި ފަރާތްތަކުން ހުށަހަޅާފައިވާކަމަށެވެ.

މިއަދު މެންދުރުފަހުން ފެށިގެން، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ފަށާނެއެވެ. އަދި ރިޕޯޓު ކުރެއްވި ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ސައީދު ވަނީ އަރުވާފައެވެ.

ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ރިޕޯޓުކުރުމަށް އާންމުން ދެމުންދާ އެއްބާރުލުމަށް ވަޒީރު ސަޢީދު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް