ބިދޭސީންނަށް މަނާކުރެވިފައިވާ ދާއިރާތަކުގައި ވިޔަފާރިކުރާނަމަ ރިޕޯޓުކުރުމަށް އެދިއްޖެ

ޤާނޫނާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ.

އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ކަމަށެވެ.

އެގޮތުން، ގަވާއިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ކަމަށެވެ.

އެ ވުޒާރާއިން ވަނީ އާ ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް، 2025 އޮކްޓޫބަރު 8 ގައި އާންމުކޮށް އިޢުލާންކޮށްފައެވެ.

އެހެންކަމުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ތިން ގޮތަކަށް ރިޕޯޓުކުރެވިދާނެ ކަމަށް އެ ވުޒާރާގެ އިޢުލާނުގައި ބުނެފައިވެއެވެ.

  1. ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު، ވުޒާރާގެ ވެބްސައިޓް ރިޕޯޓް ކުރުން، ނުވަތަ
  2. ވުޒާރާގެ ހޮޓްލައިން 3333199 އަށް ރިޕޯރޓްކުރުން (ހެނދުނު 8:00 – ރޭގަނޑު 8:00 އަށް)، ނުވަތަ
  3. އިމިގްރޭޝަން ވޮޗަށް ރިޕޯޓްކުރުން

އެގޮތުން ލިބޭ މައުލޫމާތް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މި މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމްކޮށްފައިވާ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެ ވުޒާރައިން ވަނީ އަރުވައިފައެވެ.

ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށަހެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް