ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ރާއްޖޭ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި މާލޭ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، އިމާރާތްތަކަށް ފެން ވަންނަމުންދާތީ ފެން ހިންދުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މާލެ ސީޓީގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް، މިއަދުގެ 13:37 ހާއިރުން ފެށިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި މާލެ ސިޓީގެ މަގުތަކުން ވަނީ މިހާތަނަށް 6736 ޓަނުގެ ފެން ހިންދާފައެވެ.

އެމްއެންޑީއެފުން ބުނީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާއި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ މި އޮޕަރޭޝަނުގައި، ސިފައިން ވަނީ މާލޭގެ ހަތް ސަރަހައްދެއްގައި ހަތް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަަސައްކަތްކޮށްފައިވާ ކަމަށެވެ.

އެގޮތުން، ފެންބޮޑުވެ މާލޭ ސިޓީގެ ބައެއް އިމާރާތްތަކަށް ފެން ވަންނަމުންދާތީ، ވެލި ބަސްތާ ޖެހުމުގެ މަަސައްކަތް، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ކުރަމުންދާ އިރު، މިއަދު ކުރަމުންދާ ވިއްސާރައިގައި ފެން ވަންނަމުން ދިޔަ މާލެ ސިޓީގެ ބައެއްގޭގޭގައި ވެލިބަސްތާ ޖަހައިދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މާލޭގައި ފެން ހިންދުމަަށް ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ވަނީ ފެން ހިންދަމުންދާ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ.

ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު، ނޮވެންބަރު 25 ވަނަ ދުވަހު ކުރި ވިއްސާރައިގައި، ފ. ނިލަންދޫ މަގުތަކުގައި ފެން ފެންބޮޑުވުމުން، ފެން ހިންދުމާއި، ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް