ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ޑިސެންބަރުގެ ނިޔަލަށް ނިންމަނީ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލޭ ފޭސް 3 އާއި، ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


މިގޮތުން ރައީސް ވިދާޅުވީ، ހުޅުމާލޭ ފޭސް 3 ހިއްކުމަށް ބޭނުންވާ ޑްރެޖަރ، ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެން މިއަދު މާލެ އައިސްފައިވާ ކަމަށާއި މާދަމާ ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ޑްރެޖަރ ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެން ގެ އިތުރުން މިހާރު ފޭސް 3 ގައި މޮބިލައިޒްކޮށްފައިވާ ޓީ.އެސް.އެޗް.ޑީ އޮރަންޖީ ނަމަކަށް ކިޔާ ޑްރެޖަރުވެސް ބިންހިކުމުގެ މަސައްކަތުގައި ބޭނުންކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ސަރަހައްދުގެ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ދެނަގަތުމުގެ މަސައްކަތާއި، އެ އާއި ގުޅުންހުރި އެހެނިހެން ކަންކަން ފުރިހަމަކުރެވުމުން ގިރާވަރު ސަރަހައްދުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.

ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ނިންމައި، ދެން ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކާ ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ހައުސިން މައްސަލައަށް ހައްލުހޯދަވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް 3 ހިއްކުމާއި ގިރާވަރު ފަޅު ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރު ގެނެސް ބިންހިއްކުމުގެ މަސައްކަތް އަވަސް ކުރައްވާނޭ ކަމަށް ރައީސް މީގެކުރިން ވަނީ ހާމަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް