އާޒިމާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގ އަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި

ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށްނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

2015 ވަނަ އަހަރު ހިނގި އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލާގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރގެ މަޤާމުގައި ހުރި އާޒިމާގެ މައްޗަށް، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ 17 ފެބްރުވަރީ 2019 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އާޒިމާގެ މައްޗަށް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ ކުރީޣެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެކްސްރޯ އެކައުންޓަށް ޖަމާކުރި މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޮގު މަޢުލޫމާތު ދިން ކަމަށް ބުނެއެވެ.

އަދި، މަނީ ލޯންޑްރިންގ އަށް މަގުފަހިކޮށްދިނުމުގެ ދަޢުވާ ކޮށްފައިވަނީ އެ ފައިސާ އެކްސްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުގެ ލިޔުން ހޯދުމުގައި މަސައްކަތްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ޢާއިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން މި އޮފީހަށް ހުށަހަޅާފައިވާ ކަންކަމަށާއި، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާތީ، އާޒިމާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ، މި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް