މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި--

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގައި މިހާތަނަށް 29.68 ކިލޯ ޑްރަގް އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވި ކަމަށެވެ.

އަދި 105 ތަނެއް ބަލައި ފާސްކުރުމަށްފަހު 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި އެއް ކަނޑު އުޅަނދާއި 9 އެއްގަމު އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ މީހުން ކޯޓަށް ހާޒިރުކުރުމުން 38 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ކުށުގެ ރެކޯޑު އޮންނަ މީހުންވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވާއިރު، އެ މީހުންގެ ވަނަވަރުވެސް ވަނީ އާންމުކޮށްފައެވެ.

މި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ އިތުރުން ފައިސާވެސް ވަނީ ފެނިފަވާއިރު، 188،959.84 ރުފިޔާ އެތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
"އޮޕަރޭޝަން އަލިމަގު" ފެށީ މި މަހުގެ 1 ވަނަ ދުވަހުއެވެ..

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް