ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއް އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް: ރައީސް

ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއް ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


ރައީސް ވިދާޅުވީ، ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއް ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ހުރިހާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރަންޖެހޭ ކަމަށެވެ.އަންހެނުންނާއި އަންހެން ކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ، މި ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ދުވަހެއް ދުވަހަކަށް ގުޅިލާމެވިގެންދާއިރު، އޮންލައިންކޮށް ބިރު ދެއްކުމާއި، ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާތައް އިތުރުވަމުންދާ ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއިއެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، ކުރިއަރުވައި ސަލާމަތްކަން ލިބިގެންވާ މާޙައުލެއް ޤާއިމް ކޮށްދޭންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ ޕޯސްޓްގައި ވިދާޅުވީ އެކަމަނާ ވާހަކަ ދައްކަނީ މިފަދަ އަނިޔާލިބި އެކަމުގައި ބިރުން ބަސްނުބުނެ ހަމަހިމޭނުން ތިބި ފަރާތްތަކުގެ ހައްގުގައިކަމަށެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ސަލާމަތާއި ރައްކާތެރިކަމާއި އެކު ދިރިހުރުމުގެ ހަައްޤު އަދި މިނިވަންކަން ލިބިފައިވާ ކަމަށް އެކަމަނާގެ މެސެޖްގައިވެއެވެ. މިހާރު މިއޮތް ޑިޖިޓަލް ޒަމާނެއްގައި އަންހެނުންނަށް އނިޔާކުރުން އެއީ ދިރިއުޅުމުގައި އާދައިގެ ކަމަށްކަށް ހެދިގެން ނުވާނެ ކަމަށްވެސް އެކަމަނާގެ ޕޯސްޓްގައި ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް