މިލަންދޫ ފަރަށް އެރި ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މިދިޔަ އަހަރުގެ އޮކްޓޫބަރު 3 ވަނަ ދުވަހު ށ. މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި ބޯޓަކީ އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓަރކޮށްފައިވާ "ޝްވޭ ލިން ޔޯން" (އައި އެމް އޯ: 9750488) ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ.

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އޭއާރްއޭއިން ބުނީ މި އުޅަނދު 19 އޮކްޓޫބަރު 2024 ގައި ފަރުމަތިން ފުންކޮށް ނަގާފައިވާކަމަށެވެ.

އަދި ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 7 އަދި 8 ނޮވެންބަރު 2024 ގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު އެ އުޅަނދު ފަރަށް އެރި ސަރަހައްދުގައި ޖޮއިންޓް ސާވޭއެއް ކުރެވިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެގޮތުން، މި އުޅަނދު ފަރަށް އެރި ސަރަޙައްދު ބެލި ބެލުމުން އެ ފަރުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ބުނެއެވެ.

ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް 12,006,200.00ރ (ބާރަ މިލިޔަން ހަހާސް ދުއިސައްތަ) ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

އަދި 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ އެ އޮތޯރިޓީއަށް ދެއްކުމަށް 19 ނޮވެންބަރު 2025 ވަނަ ދުވަހު އަންގާފައިވާކަމަށް ބުނެއެެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް