އީ-ވިސާ އަށް ޢަމަލުކުރަން ފަށައިފި

އީ-ވިސާއަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައި، އީ-ވިސާއާ އެކު ސަމާލުވާންޖެހޭ ކަންކަން މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފިއެވެ.

މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އީ-ވިސާގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް އިފްތިޠާހްކޮށްދެއްވީ ނޮވެމްބަރު 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އީ-ވިސާއާ ގުޅޭގޮތުން މީސްމީޑިއާގައި އިމިގްރޭޝަނުން އާއްމުކުރި މަޢުލޫމާތުގައި ބުނެފައިވަނީ، 2025 ނޮވެމްބަރު 23 އިން ފެށިގެން، ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓަމެޓިކުން އީ-ވިސާއަށް ބަދަލުވާނެ ކަމަށެވެ. އެ ތާރީޚަށް ފަހު، ޕާސްޕޯޓުގައިވާ ވޯކް ވިސާ "ވެލިޑް" ވިސާއެއް ކަމަށް ނުބެލެވޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، 2025 ނޮވެމްބަރު 23 އިން ފެށިގެން، ވޯކް ވިސާއެއްގެ ގޮތުގައި ބަލާނީ ހަމައެކަނި އީ-ވިސާ ކަމަށެވެ.

އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓުގެ މުއްދަތަށް ކަމަށާއި، ނޮވެމްބަރު 23، އިން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އޭގެ އިތުރުން، ރާއްޖެއިން ފުރުމުގެ ހުއްދަ ދޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި، އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އޮންނަ ފަރާތްތަކަށް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް