ޚާރިޖީ ވަޒީރު ބެލްޖިއަމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ފޮރިން މިނިސްޓަރ ޑރ. ޚަލީލް ވަނީ 2025 ނޮވެމްބަރ 20 އިން 21 އަށް ބްރަސަލްސްގައި ބޭއްވުނު ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގެ 4 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ވަޒީރު ޑރ. ޚަލީލް ވަނީ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ސިޔާސީ ގުޅުންތައް ބަދަހިކުރައްވައި، ސަރަޙައްދީ އަދި ދުނިޔޭގެ މުހިންމު މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރޭގައި ވަޒީރު ޑރ. ޚަލީލް ވަނީ ފޯރަމްގެ ހަވާސާގައި ބޭއްވުނު މަތީ ފަންތީގެ އިތުރު ހަރަކާތްތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލުކުރައްވާފައެވެ. އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވުމަށާއި، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަޒީރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސެކްރެޓަރީ، މަލްޓިލެޓަރަލް، އަޙްމަދު ޝިޔާންއާއި ޕޮލިޓިކަލް ޑިރެކްޓަރ ފާޠިމަތު ނަޝާ އިސްމާޢީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް