ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަން ތަކެއް ވަގަށް ނެގި މައްސަލަ ފުލުހުން ބަލަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަން ތަކެއް ވަގަށް ނެގި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނައި 32 ސިގިރޭޓް ކާޓަން ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ އޭގެ ތެރެއިން 6 ކާޓަން މަދުވި މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށެވެ.

އެ ތަކެއްޗަކީ 25 މޭ 2025 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން އަތުލައިގަތް ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

އޭގެ ތެރެއިން 6 ކާޓަން މަދުކަން ފާހަގަކުރެވިފައިވަނީ އެތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް ނޮވެމްބަރު 12 ވަނަ ދުވަހު ބެލިއިރުކަމަށާއި އެ މައްސަލަ ބަލަނިކޮށް، ހަމަ އެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް 2024 ވަނަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ގެނެސްފައި ހުރި 25 ކާޓަން މަދުކަން ފާހަގަކުރެވިފައިވާކަމަށް އެ ހިދުމަތުން ބުނެއެވެ.

އެ 25 ކާޓަން ސިގިރޭޓަކީ 2 ބިދޭސީއެއްގެ އަތުން އަތުލައިގަތް ތަކެތިކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ މިހާރު ފުލުހުންގެ ޕްރޮފެޝަނަލްް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާކަމަށާއި، ޖިނާއީ ވަކިމައްސަލައެއް ގޮތުގައިވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް