ރައުދު އާއެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ޕީޖީ އިން ދެކޮޅު

ހ. ފެންޓެނޯއީ ގޭގެ މަތިން، އަންހެނަކު ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެވަގުތު އެގެއަށް ވަދެ އުޅުނު ރައުދު އަހުމަދު ޒިލާލްއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެެ.

ޕީޖީ އޮފީހުން ބުނީ، މިމައްސަލައާއި ގުޅިގެން ދައުލަތުން ދަޢުވާ އުފުލާފައިވާ ރައުދު އަޙްމަދު ޒިލާލްގެ ފަރާތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށް އެދި ހުށައަޅާފައިވާކަމަށެވެ. އެހެންނަމަވެސް ޕީޖީ އޮފީހުން މިމައްސަލައިގައި އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާކަމަށް އެ އޮފީހުން ބުނެއެވެ.

މިމައްސަލައިގައި ބުދަދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ރައުދު އޭނާގެ ކުށަށް އިޢުތިރާފްވެފައިވާކަމަށް ޕީޖީން ބުނެއެވެ. މި މައްސަލައިގެ އަވަސްނިޔާގެ އަޑުއެހުން މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޒަޚަމްތަކަކާއެކު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ އަންހެން މީހާގެ މައްސަލައިގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.

ރައުދުގެ މައްޗަށް މިމައްސަލާގައި ކުރި ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސްކަމަށް މީގެކުރިން ޕީޖީ އޮފީހުންވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް