ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި އެކްސިޑެންޓް ގިނަވާތީ ސަމާލުވާން އެދިއްޖެ

މާލޭ ބޮޑުތަކުރުފާނު މަގުގައި ވަކި ސަރަހައްދެއްގައި އެކްސިޑެންޓް ގިނަވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ މާލޭ ބޮޑުތަކުރުފާނު މަގު ޓްރެކް ސަރަހައްދުގައި ހުންނަ ސްޓެލްކޯ ޕަމްޕް ސްޓޭޝަން ސަރަހައްދުގައި އެކްސިޑެންޓްތައް ގިނަވަމުން އަންނަކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ މީހުންނާއި، މަގު ހުރަސްކުރާ ފަރަތްތަކުން އެކަމަށް ސަމާލުވުމަށް ފުލުހުން އެދިފައިވެއެވެ.

އެ ސަރަހައްދުން ދަތުރުކުރާއިރު ދުވެލި މަޑުކޮށް، ފުރިހަމައަށް ސަމާލުކަން ދިނުމާއި ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުން އަދި ރައްކާތެރި މިންވަރަކަށް ދުރުމިން ބަހައްޓަން ވަނީ އެދިފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 2674 އެކްސިޑެންޓުގެ މައްސަލަތައް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވެއެވެ. ރާއްޖޭގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، އެފަދަ ހާދިސާތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ފުރާނަ ވެސް ގެއްލިފައިވެއެވެ.

އެކްސިޑެންޓުތައް އިތުރުވާތީ، މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް