ސައުދީ ސަރުކާރުން ރާއްޖެއަށް 25000 ވުރެ ގިނަ މުސްހަފް ހަދިޔާކޮށްފި

ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުސްހަފް، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއަށް ހަދިޔާކުރައްވައިފިއެވެ.

މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރެއްވުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އާއި ސަޢުދީ އެމްބަސީގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއާއި ދެމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އަދި އެމްބަސީގެ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

ސައުދީ ސަރުކާރުން ހަދިޔާކުރެއްވި 25500 މުސްހަފުގެ ތެރޭގައި ބޮޑެތި މުސްޙަފްވެސް ހިމެނެއެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.

މި އަހަރުގެ އޭޕްރީލްމަސް ތެރޭގައިވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 25000 މުސްހަފް ހަދިޔާ ކުރައްވާފައެވެ. އެއާއެކު މި އަހަރު 50500 މުސްހަފް ސައުދީ ސަރުކާރުންވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މުސްހަފްގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތްވެސް ވަނީ ހަދިޔާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް