މާލޭގައި އިމާރާތްކުރާ ވަޤުފް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގައި ޤާއިމުކުރާ ދެވަނަ ވަޤުފް އިމާރާތް، ދާރުލް އަރްޤަމްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި، ދާރުލް އަރްޤަމްގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމެވެ.

2000 އަކަފޫޓުގެ ސަރަހައްދެއްގައި، އާރް.ސީ.ސީ އާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި ޢިމާރާތުގެ މަޝްރޫޢަކީ، ބީ.އެމް.އެލް އިސްލާމިކްގެ އިސްލާމިކް ފައިނޭންސިންގެ ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ، 39.4 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ދޮޅު އަހަރުދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާ މި މަޝްރޫޢު ނިމުމުން، މި އިމާރާތުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންދާޒާކުރައްވައެވެ.

ދާރުލް އީމާނާއި، ދާރުލް އަރްޤަމްގެ އިތުރުންވެސް، އައްޑޫއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވަފާއެވެ. އަދި މި ވަޤުފް އިމާރާތަކުން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ވަޙުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް