ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމާ ގުޅޭ ޑިޕްލޮމާ ކޯހެއް ފަރުމާކުރަން އެމްއެންޔޫއާއެކު އެއްބަސްވެއްޖެ

ކޮންޒަވޭޝަން އޮފް އެޓޯލް އިކޯސިސްޓަމްސް ތްރޫ އޭން އިފެކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓެޑް އޭރިއާ އެސްޓޭޓް (ކެޓަނޭޓް) މަޝްރޫޢުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމާ ގުޅޭގޮތުން ޑިޕްލޮމާ ކޯހެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ކެޓަނޭޓް ޕްރޮޖެކްޓުގެ ދަށުން މިއަދު މިސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކޯސް ފަރުމާކުރުމަށްފަހު ކޯސް ފުރިހަމަކުރުމަށް ދަރިވަރުންނަށް ސްކޮލަރޝިޕް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކެޓަނޭޓް ޕްރޮޖެކްޓުން ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ކޯހުގެ މޮޑިއުލްތަކަށް ބިނާކޮށް ކުރު މުއްދަތުގެ ޓްރެއިނިންގ ތައްޔާރުކުރެވި ކައުންސިލް އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކާއި، ފުލުސް އަދި އެހެނިހެން ތަންފީޒީ އިދާރާތަކަށް އަމާޒުކޮށްގެން ކުރު މުއްދަތުގެ ޓްރެއިނިންގތައް ހިންގޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ބުނީ ކެޓަނޭޓް ޕްރޮޖެކްޓު އަމާޒުކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން މިހާތަނަށް ބޮޑުތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ 15 ސަރަހައްދަށް ކަމަށްވާތީ، ޕްރޮޓެކްޓެޑް އޭރިއާ ކޯހަށް ސޮކޮލަރޝިޕް ދިނުމުގައި މިސަރަހައްދުން ޝައުގުވެރިކަން ފާޅުކުރާ ދަރިވަރުންނަށް އިސްކަންދެވޭނެ ކަމަށާއި، ޚާއްޞަ ފޯކަސް ސަރަހައްދެއްގެ ގޮތުގައި މިޕްރޮޖެކްޓުގައި ށ. ފަރުކޮޅު ހިމެނިފައިވަނީ ނޭޗަރ ޕާކެއް ތަރައްޤީކުރާގޮތަށް ކަމަށެވެ. އަދި މިނޭޗަރ ޕާކަށް ބޭނުންވާ ސްޓާފުން ނެގުމުގައިވެސް މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ކެޓަނޭޓް މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަރުތަކާއި އަދި އެހެނިހެން މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެންމެ އެކަށީގެންވާ އަދި ހަމަހަމަ އުސޫލުން ބަލަހައްޓާ މެނޭޖުކުރެވޭފަދަ ސަރަހައްދުތަކުގެ ވިލުންވެރި ނެޓްވާކެއް ދިވެހިރާއްޖޭގައި ގާއިމްކުރުމެވެ. އަދި މި މަޝްރޫޢަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ހިލޭ އެހީގެ ދަށުން އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ އާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން ހިންގާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް